Thursday, August 4, 2016


އޭހިތާއެވެ..... ކީއްވެހޭ ތިޔަ ގިސްލަނީ ނުތަނަވަސްކަމުގައި މިނެއްނެތި ހާސްވަނީ.................

އަހަރެން ތިބާއަށް ކުރީ ކީއްހެއްޔެވެ؟ ތިބާ އަޅުވެތިވެގެން ތިއުޅޭ ސަބަބު ނިކަން ބުނެބަލާށެވެ. ތިބާ ރޮއި ގިސްލާ ހިތާމަކުރާކަށް ޙުދު އަހަންނަށްވެސް އިހުސާސްކުރުވެއެވެ.ލެއިން ތަތްތެލެމުންދާ ތިބާގެ މޭގައި އަމިއްލަ ދެއަތުން ޖަހާ ބޮޑު ރާލު އުފައްދަނީ ކީއްވެގެން ހެއްޔެވެ؟ ފުން ކަނޑެއްގައި އޮޔާދައި ދޯނީގެ ހުންގާނުދޫކޮށް މިސްރާބުން ތިޔަ ކައްސާލަނީ ކީއްވެގެންކަން ބުނެބަލާށެވެ. ތިބާގެ ހުންނަ ކޮންމެ ހަނުހުރުމަކީ އަޅާގެ ވޭނެކެވެ. ފިސާރި ކުޅިވަރާއެކު ތިބާގެ ކޯތާފަތްމައްޗަށް ފައިބަމުންދާ ހޫނު ކަރުނަތައް ތިބާ މޮޔަކުރަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ 

 ބުނެބަލައިށެވެ. އަޚެއް ގެއްލުނީ ހެއްޔެވެ؟ މަޔެއް މަރުވީ ހެއްޔެވެ؟ ގައިމުވެސް މިހެނެއްވެގެން ތިބާ އަބަދު ހިތާމައެއް ނުކުރާނެއެވެ. ހޫނު ހަންޒަރުތަކުން ތިބާގެ ޖިސްމށް ހަމަލައިދެނީ ކީއްވެހެއްޔެވެ؟ ވިސްނިއްޖެއެވެ. ހަމަ ތެދުތެދަށް ބުނަން ހެއްޔެވެ؟ ސިއްރުކުރާކަށް ނެތީމެވެ. ތިބާ މޮޔަނުވާށެވެ. ލޯބީގައި ޖިންނި މޮޔަވީދޯއެވެ. ސިހުރު ހާހޫރަ ކަމަކުން ނޫންދޯއެވެ. ދުމަށް އެޅި ކުންޒުބުރު ފަތަކުން އެރި ދުންތަކަކުން ތިބާއަށް ފަރުވާ ނުދެވިގެން ތި އުޅެނީ "ޢިޝްޤީ ލޯތްބަށެވެ". ދޮގެއް ހަދާކަށް ނެތީމެވެ. ތިއީ މޮޔަކަމެކެވެ. ތިބާގެ ބަސްނާހާ ހިތައް ވިސްނައިދޭށެވެ.
ތީގެން ހިތަށްވާނެ ފައިދާއެއްނެތެވެ. އަޅައިވޭނަކުން ތިބާ އިތުރަށް ގަބަރާވެ ހުރެ ރޮވުންނޫން ކަމެއްނޫނީ ނުވާނެއެވެ. ފުން ކަނޑެއްގެ އޮއިވަރުގައި، ހަވާނަފުސުގެ އެދުމެއްގައި ތިބާ ތިއޮށްގެން ޖެހެނީތާއެވެ. އަދި ތިކުދިން ޅަވާނެއެވެ. ޙިޔާލާއި ޙަޤީޤީ ވާހަކައެއް ކިޔާދެމުތޯއެވެ؟


"ނިއުޒިލޭންޑުގެ މުސްކުޅި އަންހެނެކެވެ. އޭނާ ކޮންމެ ދުވަހަކު ޤަބުރުސްތާނަށް ޒިޔާރާތް ކުރާނެއެވެ. ރޫޖެހި ކުރެކިވެފައިވާ އެމޫނުމަތީ އަބަދުމެ ހިތާމާގެ ސާލެއް ލެވިފައިވާފަދައެވެ. އަހަރެންގެވެސް ލޮލުގައި އަޅައިގަތީ މާގިނައިން މުސްކުޅި އަންހެނަކު ވަކި އިރެއްނޯވެ، އަބަދައިއަބަދު ޤަބުރުސްތާނަށް ޒިޔާރާތްކުރާތީއެވެ. ދާއިރު އަބަދުވެސް ދާނީ ހަދިޔާއާއި ސިޓީ ނޯޓޮތައް ހިފައިގެންނެވެ. ކޮންމެއަކަސް އެއަންހެނާއާމެދު ޝަޢުގުވެރިކަން އުފެދިއްޖެއެވެ. އޭނާ އުޅޭނޫޅޭގޮތް ބަލާލީމުއެވެ. ޤަބުރުސްތާނުގެ މަހާނައެއް ކައިރީ އޭނާ އިނދެގެން ރޮނީއެވެ. ރޮއިރޮއިފާ ހެނީއެވެ. ކޮންމެއަކަސް މިކަން ޅުމަކަށްވެއްޖެއެވެ. ޙަޔާތުގެ އެކިއެކި ވާހަކަ ހިއްސާކުރަނިއްޔެވެ. ކެއިންތޯ؟، ނިދައިފިތޯ؟ އަހަނިއްޔެވެ. ކޮންމެއަކަސް އަހަރެންނަށް ވިސްނުނީ އޭނާއަކީ މޮޔައެއްގެ ގޮތުގައެވެ. ފަހަރުގައި އޭނާގެ ލޯބިވާ ފިރިއެއް މަރުވުން ކަމަށްވެސް ވެދާނެއެވެ. ނާހަމަ ހިލާ ދޮގެކެވެ.ތުންތުންމަތިން އަޑުއެހީމެވެ.
އޭނާގެ މުޅި އުމުރު ހޭދަކުރީ އެ ފިރިހެނާ ލިބޭތޯއެވެ. އޭނާއަށް ލިބިމުންދިޔަ ލޯބީގެ ހުރިހާ ވެދުންތަކަށް ފުރަގަސްދިނެވެ. އޭނާ ލިބޭދޯ ރެއާދުވާލު މަސައްކަތްކުރަމުން ދިޔައެވެ. އަތުގައި ކަޓަރުއަޅައި ޒާތްޒާތުގެ ފުޅިތައް ބޮއި މަރުވުމަށްވެސް މަސައްކަތްވެސް ކުރިއެވެ. ކުރުގޮތަކަށް ބުނާނަމަ އިލިމަރުވިއިރުވެސް އޭނާ އެލޯބި ލިބޭތޯ ސަލާންޖަހަމުން ދުވީއްޔެވެ. އެ ފިރިހެންމީހާ މަރުވުމުން އޭނާގެ މަހާނައަށް އޭނަގެ އަންހެނުނަށްވުރެ ގިނައިން ޒިޔާރާތްކޮށް ހަދާޔޯލައެވެ. "
ހިތަށްވެރިވީ ލޯބީގެ ޑުރާމާތަކެވެ. ފިލުމުތަކެވެ. އަޅު ފަހެ މަރުވެފައި އޮތް ޤަބުރަކަށް ކާންދީ ހަދަން އަންނާނީ ގައިމުވެސް މޮޔައެއް ނޫންހެއްޔެވެ؟ ޤަބުރަކަށް ވާހަކަތައް ކިޔައިދީ ހަދާނީ ހަމަ ބުއްދިނެތް ލާންޖާނިއްޔެކެވެ.
އޭ އަޙާއެވެ. ތެދު ވާހަކައެއް ބުނަންހެއްޔެވެ؟ މިކަހަލަ މޮޔަ ކަންތައް ކުރާނީ ޑުރާމާތަކުގައެވެ. ޒިންދަޤީގައި ހަކުރުލާނީ "ރޯމިޔޯ އެންޑް ޖޫލިޔެޓެވެ." ފަހަރުގައި ތިބާ އެފިލުމު ބެލީ ކަންނޭނގެއެވެ. ދެން ބޮޑާ ނަހާކައި ވިސްނާލަބަލާށެވެ. ތިބާ ދުނިޔެއަށް އުފަންވީ އެކަނި ނޫންހެއްޔެވެ؟ މަރުވެ ދާނީވެސް އެކަނި ނޫންހެއްޔެވެ؟ ތިބާ މީގެ ކުރިންވެސް އުޅުނީ ނޫންހެއްޔެވެ؟ ގައިމު އޭރު ރޮއިރޮއިފާ ތިމަންނަ އެކަނިވެއްޖޭ ލޯތްބާ ނުލައި އުޅެވޭކަށްނެތޭ ކިޔާ އަޑުންއަޑުނަގައި ރުއި އަޑެއް އެހި ކަންފަތެއްނެތެވެ. ލޯތްބަކީ ދިރިކުރުމަށް ބޭނުންވާ އެއްޗަކަން އަހަންނަށްވެސް އިނގެއެވެ. މައްސަލައަކީ މިކަމުގައި އޮންނަ ހަމަތަކުން ކައްސާލާތީއެވެ. މިހެން މިލިޔުން ލިޔެގެން އަހަރެން ދެކެ ރުޅިއަޔަސް މައްސަލައެއްނެތެވެ. ފަހުން ތިބާ އަހަރެން ބަސް ހަނދާންކުރާނެއެވެ.
އޭ އަޙާއެވެ. ޙަޔާތުގެ ދުވަސްތައް ބޭކާރު ގޮތުގައި ވޭތުނުކުރާށެވެ. ދީނަށްވުރެ ލޯބި އިސްނުކުރާށެވެ. ތިބާއަށް ދެއްވި މިންވަރަށް ޝުކުރު ކުރާށެވެ. ތިބާ ލޯބި ނުލިބިގެން ގިސްލާ ރޮއެ ހަދާއިރު ނިކަން ވިސްނާބަލާށެވެ. ދުނިޔޭގެ އެކި ދިމާލުގައި އުޅޭ ނިކަމެތި ކުދިންގެ ދިރިއުޅުމާމެދު ވިސްނާ ފިކުރު ހިންގާބަލާށެވެ. ތިބާ ކުޑަކުޑަ ކަމަކުން މަޙުރޫމުވެގެން ޝަކުވާ ނުކޮށް އަދި އެއްފަހަރު ދިރިއުޅުމާގެން ކުރިއަށްދާން މަސައްކަތް ކުރާށެވެ. ކެތްތެރިވާން ދަސްކުރާށެވެ.
މީގެ ފަހުން ދެން ތިޔަހެން ގަބަރާވެ، ހުރެ ރޮއިނަހަދާށެވެ. ތިބަ ދޫކޮށް ދިޔަ މީހަކު ދިޔައެއްޔެވެ. އެމީހާ ފަހަތުން އާދޭސްކުރަމުން ދުވެ ނަހަދާށެވެ. އޭރުން ވެއްޓިގެންދާނީ ތިމާގެ އަބުރެވެ. ނިކަމެތިވެގެންދާނީ ތިބާގެ ނަފުސެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަން ދަންނާށެވެ. ތަޤިދީރުގެ ނިޔާއާއި ދެކޮޅު ނަހަދާށެވެ. ގޮތް ނިންމާނީ ތިބާއެވެ. ވަގުތު އޮށްވައި ރަގަނޅު މަގު އިޙުޔާރުކުރާށެވެ.   

 

1 comment: